Last Updated: April 24, 20:49
Wednesday, April 24, 2024
ޚަބަރު

ބަޖެޓު 2021: އަތޮޅު ތެރެއިން އެންމެ ބޮޑު ހޭދައެއް އައްޑޫއަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަތޮޅު ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅަކަށް އައްޑޫ ސިޓީ ހަމަޖައްސައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 35 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވަނީ 8.306 ބިލިއަން ރުފިޔާ ހިމަނާފައެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި 2.9 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ ގައެވެ. އެއީ 774 މިލިއަން ރުފިޔާގެ މަޝްރޫއެވެ. މިއަހަރުގެ ބަޖެޓުގައި އައްޑޫގައި މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވަނީ 523 މިލިއަން ރުފިޔާ އެވެ.

އަތޮޅުތަކުގެ ތެރެއިން ދެން އެންމެ ބޮޑު ހޭދައެއް ކުރަނީ ހދ.އަތޮޅަށެވެ. އެގޮތުން ހދ. އަތޮޅުގައި 349 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ހިމަނާފައިވެއެވެ. އަދި ރ. އަތޮޅުގައި 282 މިލިއަން ރުފިޔާ، ލ.އަތޮޅުގައި 247 މިލިއަން ރުފިޔާ، ގދ.އަތޮޅުގައި 254 މިލިއަން ރުފިޔާ، ތ.އަތޮޅުގައި 149 މިލިއަން ރުފިޔާ އަދި ފުވައްމުލަކު ސިޓީގައި 116 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި ބަޖެޓަކީ ޖަޒީރާ މެނިފެސްޓޯގެ މައި ޕްރޮގްރާމްތައް ހާސިލުކުރުމާއި، ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އިޤްތިސާދު އަލުން އާރާސްތުކޮށް ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމާއި ސަރަހައްދީ ތަރައްޤީއަށް ކުރާ ހޭދަ ކުރިއަށް ގެންދާނެ ބަޖެޓެއް ކަމަަށް ވިދާޅުވެފައެވެ.