Last Updated: April 26, 18:07
Friday, April 26, 2024
ދުނިޔެ

ރަސްމީ ނަތީޖާ ނުލިބެނީސް ބައިޑެން އަށް މަރުހަބާ ނުކިޔާނަން: ރަޝިޔާ

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ނުލިބެނީސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑެން އަށް މަރުހަބާ ދެންނެވެން ނެތް ކަމަށް ރަޝިޔާ އިން ބުނެފިއެވެ.

270 އަށް ވުރެ ގިނަ އިލެކްޓޯރަލް ވޯޓާއެކު ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވާއިރު، އިންތިހާބުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން އޭނާ ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާ އާއި ރަޝިޔާ އަކީ ގުޅުން އެހާ ރަނގަޅު ދެ ގައުމު ނޫން ކަމަށްވާއިރު، ރަޝިޔާގެ ރައީސް ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ "ކްރެމްލިން" ގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އިންތިހާބުގެ ރަސްމީ ނަތީޖާ ލިބެންދެން އެއްވެސް ފަރާތަކަށް މަރުހަބާ ނުކިޔައި މަޑުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަ ކަމަށެވެ.

2016 ވަނަ އަހަރު ހިލަރީ ކްލިންޓަން ބަލިކުރައްވައި ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ރަޝިޔާ އިން އޭނާ އަށް މަރުހަބާ ދެންނެވިއިރު ޕެސްކޯވް ވިދާޅުވީ އޭރާއި މިހާރުގެ ހާލަތު މުޅިން ތަފާތު ކަމަށެވެ. އެގޮތުން ޓްރަމްޕްގެ ފަރާތުން ގާނޫނީ މައްސަލަތަކެއް ފެންމަތިކުރަމުންދާ ކަމަށާއި އެހެންކަމުން ރަސްމީކޮށް އިއުލާންކުރަންދެން ރަޝިޔާ އިން މަޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމެރިކާގެ ރައީސް ކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެ ފަރާތަކާއެކު މަސައްކަތް ކުރަން ރަޝިޔާ ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމެރިކާގައި ދެން އެކުލަވާލެވޭ އައު ސަރުކާރުން ބުރޫ އަރާފައިވާ ރަޝިޔާ އާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޕެސްކޯވް ވިދާޅުވިއެވެ.