ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުން ސޮއިކުރީ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އެވެ.
ބްރިޖު މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިދިޔަ މަހުގެ ތެރޭގައިވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މިއަދު ވަނީ އިތުރު ތިން އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. އެގޮތުން މިއަދު ދެން ސޮއެކުރެވުނު އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒްގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މިއަދު ދެން ސޮއެކުރެވުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެމް.އޯ.ޔޫ ގައެވެ.
މި 2 މަޝްރޫޢަކީ ހދ ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެމް.އޯ.ޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1،711،434.60 ރ (އެއް މިލިއަން ހަތްލައްކަ އެގާރަ ހާސް، ހަތަރުސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69ރ (ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހާސް، ފަސްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މިމަޝްރޫޢުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެވެ.