Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

މިއީ ރައްޔިތުން ދަރުވާލާނެ ސަރުކާރެއް ނޫން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

މިއީ ރައްޔިތުން ދަރުވާލާނެ ސަރުކާރެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ދީފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު ދީފައިވަނީ ޖުމްލަ ދެ ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ކަމަށާއި މި ސަރުކާރަކީ ހަތް ޕަސެންޓުން، 10 ޕަސެންޓުން، 12 ޕަސެންޓުން ފައިސާ ނަގައިގެން ރައްޔިތުން ދަރުވާލާނެ ސަރުކާރެއް ނޫން ކަމަށެވެ.

އެގޮތުން މި ސަރުކާރަކީ ގައުމުތަކާއެކު މަޝްވަރާކޮށްގެން، ގައުމުތަކުން ލިބޭ ލުއި ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ސަރުކާރެއް ކަމަށާއި މި ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް ނާޅުވާނެ. މި އުޅެނީ ކުރީގެ ސަރުކާރުން ރައްޔިތުންގެ ކޮނޑުގައި އެޅުވި ދަރަނީގެ ބޮޑުކަމުން ހިތްލާ ނުލެވިގެން. މި ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭނީ ހިދުމަތް، ރައްޔިތުންނަށް އުފާވެރިކަން" ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވަނީ މި ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ހުންނަ ފައިސާ އަށްވާ ގޮތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދީފައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ މި ޒަމާނަކީ ކަޅު ފޮށްޓަށާއި، ގުޅިގުޅި އަށާއި އަދި ޖާޑި ޖާޑިއަށް އަޅައިގެން ފައިސާ ގެންނަ ޒަމާނެއް ނޫން ކަމަށާއި މި ޒަމާނުގައި މިފަދަ ކަންކަން ހިނގާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އެގޮތުން މިކަން ކުރަނީ ސަރުކާރުން އެގްރީމެންޓުގައި ސޮއިކުރުމަށްފަހު، މަސައްކަތް ކުރިއަށްދާ މިންވަރަކުން ފައިސާ ދިވެހި ދައުލަތުގެ މާލިއްޔާއަށް ވަންނަމުންދާ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގުޅިގުޅި އާއި ޖާޑިޖާޑި އަށް ލާރި އަޅައިގެން، ކަޅު ފޮށީގައި ވަކިވަކި ފަރުދުންގެ ގެއަށް ލާރި ވެއްދި ޒަމާން މިހާރު ދިވެހި ރައްޔިތުން 2018 ގައި ނިންމައި އެވަނީ ތާރީހުގެ ތެރެއަށް ދުއްވާލާފައި" ޝާހިދު ވިދާޅުވިއެވެ.