Last Updated: July 24, 09:16
Thursday, July 24, 2025
ޚަބަރު

މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - މަޖިލިސް

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިދިޔަ ސަރުކާރުން "ހިޔާ" މަޝްރޫއުގެ ދަށުން ހަދާފައިވާ 7000 ފްލެޓުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ކުރީ ސަރުކާރުން ދޭން ނިންމާފައިވާ 500 ފްލެޓުގެ ތެރެއިން 77 ފްލެޓް އުނިކޮށް މި ސަރުކާރުން މިމަހުގެ ހަތަރުވަނަ ދުވަހު ގެޒެޓްކުރި ލިސްޓާ ގުޅިގެން އެތަކެއް ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި ބޯހިޔާވަހިކަމަކީ މާލޭގައި ދިރިއުޅެމުން އަންނަ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށާއި މި ސަރުކާރުން އެކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ވައުދުވެ، މިފަދަ ދޯހަޅި ގޮތަކަށް ކަންކަން ވެގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެން ކެޓަގަރީތަކުގެ ކަންކަންވެސް މިހެން ދިޔަކަމުގެ ޝަކުވާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބޯހިޔާވަހިކަމަށް އެދެވޭ ހައްލަކަށް ވާނީ އެހެން ރަށްރަށުންވެސް ގޯތި ދޭ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ގޯތި ލިބުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ވަގުތު ސަލާމަތްކުރުމަށްޓަކައި ވަގުތުން ވަގުތަށް މިކަންކަން ހަމަޖެއްސުމަށް ޖާބިރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.