Last Updated: July 24, 09:39
Thursday, July 24, 2025
ޚަބަރު

ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައި، މި ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން، މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ހޮސްޕިޓަލަކާއެކު މެޑިކަލް ސްކޫލެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި، އެކި ބަލި ބައްޔަށް ޚާއްޞަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށުމުގެ މުހިންމުކަން ވަނީ ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރައްވާފައެވެ. އަދި މި ކޯސްތަކުގެ ތެރޭގައި ދޭ ޢަމަލީ ތަމްރީނުތައް ދިނުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރަމުންދާ އިރު އެ ތަންތަނަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި، މިހާރު ރޭވިފައިވާ ކަންކަމާ އެއްގޮތަށް މަސައްކަތްތައް ކުރަމުން ގެންދިޔުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރުޝާދު ދެއްވާފައެވެ.