ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ގައި މުވައްޒަފަކު މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު މަރުވެފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހެވެ. އުމުރުން 60 އަހަރުގެ އާދަމް ނަސީރު ނަމަކަށް ކިޔާ އެ މީހާ މަރުވެފައި ވަނީ ދ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާ މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށްވާއިރު، ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ތުހުމަތުކުރެއެވެ. އެގޮތުން އެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން މިހާތަނަށް އެ ރިސޯޓުން ވަނީ 60 މީހަކު ޕޮޒިޓިވްވެފައެވެ.