އައްޑޫ ސިޓީ ހުޅުދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށާއި އެގޮތުން މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 61.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމޭއިރު ހުޅުދޫ ބަނދަރުގައި ނެރުގެ ފައިކަށީގައި 114 މީޓަރުގެ ބޮޑު ހިލަ ޖަހައި 742 މީޓަރުގެ ދިގު އެއްގަމު ތޮއްޓެއް ލާނެ އެވެ. އަދި 624 މީޓަރުގެ ރިވެޓްމެންޓާއި 2250 ސްކެއާ މީޓަރުގެ ޕޭވްމަންޓަކާއި 36 ބަނދަރު ބައްތި ޖަހާނެ އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.