Last Updated: July 24, 09:16
Thursday, July 24, 2025
ޚަބަރު

ގޫގުލްގެ ޕްރޮޖެކްޓް ލޫންގެ ބެލޫނެއް އައްޑޫ ކަނޑަށް ވެއްޓިއްޖެ

އައްޑޫ ކަނޑަށް ވެއްޓުނު ބެލޫން - ފޮޓޯ: އެމްއެންޑީއެފް

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް އަނެއްކާވެސް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގޫގުލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް ގދ.ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް މިއަދު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ބެލޫން ވެއްޓެމުންދާ ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 8:30 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލުން ދިޔައީ މޮނީޓާ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބެލޫން ރާއްޖޭގެ ލޯކަލް އެޖެންޓުންނާއި ހަވާލުކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވަނީ ވެއްޓިފައެވެ. އެފަަހަރު ބެލޫން ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.