Last Updated: July 24, 09:39
Thursday, July 24, 2025
ޚަބަރު

ރިސޯޓުތަކުގެ ވެރިން ގަސްތުގައި މުވައްޒަފުންނަށް ދެރަކޮށް ނުހަދާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ގަސްތުގައި މުވައްޒަފުންނާއި މެދު ދެރަކޮށް ހެދުމަކީ ރިސޯޓުތަކުގެ ވެރިންގެ އަމާޒެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ގައި މުވައްޒަފަކު މަރުވި މައްސަލައާ ގުޅިގެން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ. އޭނާ މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުން ކަމަށްވާއިރު، ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ތުހުމަތުކުރެއެވެ.

އެގޮތުން އެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

ކުއްލި މައްސަލައިގެ ބަހުސް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް ނުވަތަ އެ މަންޒަރު ސިފަ ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެގޮތުން ކަނޑިންމަ ރިސޯޓުގެ ވެރިފަރާތަކީ ޓޫރިޒަމްގެ އެހެން އެތައް ވިޔަފާރިތަކެއް އަދި ރާއްޖޭގައި ޒަމާންތަކެއް ވަންދެން މި މަސައްކަތުގައި އުޅެމުން އަންނަ ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑެއް ނުދެކެން ރިސޯޓުތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް ނުވަތަ ދެރަކޮށް ހެދުމަށް އެއީ އެމީހުންގެ އަމާޒެއް ކަމަކަށް" ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރިސޯޓުތަކުގެ ވެރީން އެމީހުުންގެ މުވައްޒަފުން ގޮވައިގެން ވަރަށް ރަނގަޅަށް އުޅެމުން އަންނަތަން ވެސް ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަރުވި މުވައްޒަފު ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން މިހާތަނަށް އެ ރިސޯޓުން ވަނީ 60 މީހަކު ޕޮޒިޓިވްވެފައެވެ.