Last Updated: March 29, 18:55
Friday, March 29, 2024
ކޮލަމް

ޓްރަމްޕު: ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލެނީ!



އެމެރިކާގެ ރިޔާސަތުގެ ދެވަނަ ދައުރަކަށް ނުހޮވި ރައީސް ޓްރަމްޕަށް ނާކާމިޔާބުވެއްޖެއެވެ. މި ހިތާމައިގެ ތެރެއިން އިތުރު ހިތާމައެއްގެ ކޮޅުމަތިވެސް އޭނާއަށް މިހާރު ވަނީ ފެންނާން ފަށައިފައެވެ. އަނބިކަނބަލުން މެލާނިއާ ޓްރަމްޕު ބޭނުންވަނީ ވަރިވާާށެވެ. އަމާޒަކީ އެހެން ދިރިއުޅުމެކެވެ.

ދިވެހިންގެ މިސާލު ބަހުގައި ބުނާހެން ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑުވެސް ގެއްލެނީއެވެ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑުވެސް ގެއްލުމޭ ބުނެވެނީ ވަޒީފާ ގެއްލި އަނބިމީހާ ގެއްލި ހަޔާތް ބަރުބާދުވުމަށެވެ. އިންތިޚާބުން ބަލިވީމާ އެއޮތީ ކަތިވަޅި ގެއްލިފައެވެ. ވައިޓްހައުސްއިން ނިކުންނާންޖެހި ބާރުތައް ގެއްލުނީމާ ކޮށިދަނޑު ގެއްލުނީއެވެ. މެލާނިއާ ގެއްލުނީމާ މަރިޔަނބުވެސް ގެއްލުނީއެވެ.



ރައީސް ޓްރަމްޕަށްވުރެ މެލާނިޔާ ސައުވީސް އަހަރު ހަގެވެ. މެލާނިޔާއާއި ބައްދަލުވުމުގެ ކުރީގައި ޓްރަމްޕު އެހެން ދެ ކައިވެންޏެއްވެސް ކުރެއްވިއެވެ. މެލާނިޔާއަކީ އެމެެރިކާ މީހެއްވެސް ނޫނެވެ. އުފަންވީ ސްލޮވީނިޔާގައެވެ. އެމެރިކާގައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މޮޑެލްކުރުމެވެ. ތިން ހަތަރު އަހަރަކު ރައްޓެހިވެގެން އުޅެއުޅެފައި މެލާނިޔާއާއި ޓްރަމްޕުގެ ކައިވެނި ކުރެވުނީ 2005 ވަނަ އަހަރުއެވެ.

ކައިވެންޏަށް ބަރާބަރު ސާދަމަސްފަހުން މެލާނިޔާވަނީ ޓްރަމްޕަށް ފިރިހެން ކުއްޖަކު ވިހައިފައެވެ. އެއީ ބޭރަން ވިލިއަމް ޓްރަމްޕެވެ. ބޭރަންއަކީ މެލާނިޔާގެ ހަމައެކަނި ދަރިފުޅެވެ. އެކަމަކު ޓްރަމްޕުގެ ފަސްވަނަ ދަރިފުޅެވެ. 

ޓްރަމްޕުގެ އެންމެފުރަތަމަ އަތްނބަކީ އިވާނާ ޓްރަމްޕެވެ. އެއީ ޗެކް ރިޕަބްލިކްގެ އަންހެނެކެވެ. ޓްރަމްޕުގެ ހަތަރު ކުދިންގެ ތެރެއިން ދޮށީ ތިންކުދިންގެ މަންމަޔަކީ މި އިވާނާއެވެ. އެއީ ޑޮނަލްޑް ޓްރަމްޕު ޖޫނިއަރ، އިވާންކާ ޓްރަމްޕު ދެން އެރިކް ޓްރަމްޕެވެ.

ޓްރަމްޕުގެ ކައިރިން އިވާނާ ވަރިވީ 1992 ގައެވެ. ޓްރަމްޕަށްފަހުވެސް އިޓަލީގެ ދެމީހަކާ އިވާނާ ކައިވެނިކުރިއެވެ. އެޔަށްވުރެ ކުރިންވެސް އޮސްޓްރިޔާ މީހަކާ ކައިވެނިކުރިއެވެ. އެކަމަކު ކުދިން ލިބުނީ ޓްރަމްޕުގެ ކައިވެނިންނެވެ. ޓްރަމްޕާއި އިވާނާގެ ވަރީގެ ވާހަކަޔާއި ބަދަލުގައި ދޭންޖެހުނު ފައިސާގެ ވާހަކަޔަކީ އެދުވަސްވަރު ވަރަށް ބޮޑުވާހަކައެކެވެ.

ޓްރަމްޕުގެ ދެވަނަ އަތްނބަކީ އެމެެރިކާގެ ފިލްމީ ތަރިއެއްކަމަށްވާ މާލާ މޭޕަލްސްއެވެ. ގާތްގަޑަކަށް ހަ އަހަރު އެކުގައި އުޅެއުޅެފައި ވަރިވީ 1999 ގައެވެ. މިކައިވެނިން ލިބުނީ އެންމެ އަންހެންކުއްޖެކެވެ. އެއީ ޓިފަނީ ޓްރަމްޕެވެ.

ރައީސް ޓްރަމްޕުގެ ޖުމްލަ ފަސްކުދީންގެ ތެރެއިން ޓްރަމްޕުގެ އެކި ހަރަކާތްތަކުން އެންމެ ނުފެންނަ އަދި މީހުންނަށް އެނގުން އެންމެ ކުޑަ ކުއްޖަކީ ޓިފަނީއެވެ. ބުނެވޭ ގޮތުގައި މާލާ މޭޕަލްސް އާއި ޓްރަމްޕުގެ ވަރިޔަކީވެސް މިލިއަން ޑޮލަރުގެ ވަރިއެކެވެ. ފަހުންވެސް ޓްރަމްޕާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާން ޝަރުތުކޮށް އެއްބަސްވުމެއް ގާއިމުކޮށް މާލާއަށް ވަރަށް ގިނަ ފައިސާ ދީފައިވެއެވެ.



ކުރީގައި ދެ ކައިވެންޏެއްކޮށް ހަތަރު ކުދީންވެސް ލިބިފައިވަނިކޮށް މާފަހަކުން މާހަގު އަންހެނަކާ ޓްރަމްޕު ކައިވެނި ކުރުމުގެ ސަބަބާމެދު ބުނެވެނީ މިއީ ދެއްކުންތެރިކަމާ ގުޅިފައިވާ ކައިވެންޏެއް ކަމުގައެވެ. މީހުންނާ ދިމާލަށް ވަރަށް ގިނައިން ޓްރަމްޕު ވިދާޅުވާ ވާހަކައެއް އޮވެއެވެ. ކަލެޔަށްވުރެ ރީތި ގެޔެއްގައި ދިރިއުޅެނީ މަށެވެ. ކަލޭގެ އަންހެނުންނަށްވުރެ ރީތި އަންހެނަކާ އިނދެގެން އުޅެނީވެސް މަށެވެ. ކަލެޔަށްވުރެ ގިނަ ފައިސާހުރީވެސް މަގޭ އަތުގައެވެ. އެހެންވީމާ ކަލެޔަށްވުރެ ހުރިހާގޮތަކުންވެސް މޮޅީ މަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޖޯ ބައިޑެންއަށް ނިސްބަތްކުރައްވާފައިވެސް ހަމަ މިމޭރުމުން ޓްރަމްޕު ވާހަކަ ދައްކަވާފައިވެއެވެ. 

ރައީސް ޓްރަމްޕުގެ ގާތްމީހުން ބުނާގޮތުގައި މެލާނިޔާއާއި ޓްރަމްޕުގެ ކައިވެންޏަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް މެލާނިޔާއަށް ވިޔަފާރިއެކެވެ. ޚާއްސަކޮށް ބޭރަން ޓްރަމްޕު ވިހޭފަހުން މެލާނިޔާގެ އުޅުމާއި ބަސްމަގު ވަނީ ބަދަލުވެފައެވެ. ބޭރަން ޓްރަމްޕު ލިބުނު ފަހުން ޓްރަމްޕުގެ މުދަލުން އޭނާއަށް ލިބޭންޖެހޭ މިންވަރާމެދު މެލާނިޔާ ބޭނުންވާގޮތް ބަޔާންކޮށް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށް ބުނެވެއެވެ. އަދި އޭގެފަހުން ސީރިއަސްކޮށް ވަރިވާން ވިސްނަމުން އަންނަކަމަށާއި މި މައްސަލަ ކުރިޔަށް ނުގޮސް ހުއްޓުނީ އެމެރިކާގެ ރައީސްކަމަށް 2016 ވަމަ އަހަރު ޓްރަމްޕު ހޮވުމާގުޅިގެން ކަމަށްވެސް ބުނެވެއެވެ. 



ބައެއް ރައްޓެހިން ގަބޫލުކުރާގޮތުން 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ކުރިލިބިދާނޭ ކަމަށް މެލާނިޔާ ހީވެސް ނުކުރެއެވެ. ޓްރަމްޕަށް ކުރިލިބުނީމާ ދެން ވަރީގެ ވާހަކަ އިހަށް ބޭއްވީ ޓްރަމްޕާއި މެލާނިޔާއަށްވެސް ލިބިދާނޭ ގެއްލުމަކާމެދު ވިސްނުމަށްފަހުގައެވެ. ބޭރަން ޓްރަމްޕުގެ ކިޔެވުމަށް ހުރަސްއެޅިދާނޭކަމުގެ ބަހަނާގައި ވޮޝިންޓަނަށް ނުގޮސް ނިއުޔޯކުގައި ފަސްމަސްދުވަހު މެލާނިޔާ މަޑުކުރީވެސް ދެން ހަދަންވީ އެއްޗަކާމެދު ވިސްނުމަށެވެ. މިހާރު މެލާނިޔާ އެހެރީ ގޮތެއް ނިންމައިގެންނެވެ. ދެވަނަ ދައުރަކަށް ނުހޮވި ޓްރަމްޕު ބަލިވީއެވެ. ޓްރަމްޕުގެ ކައިރިން ވަރިވެގެން އޭނާގެ ހިޔަނީން ނެއްޓިގެން އައުދިރިއުޅުމެއް ފަށަން މެލާނިޔާއަށް މަގުވެސް ތަނަވަސްވީއެވެ.



މެލާނިޔާގެ ނިންމުމަކީ މިއީކަމަށްވަންޏާ އޭނާ ދޫނުކޮށް ހިފެހެއްޓުމަށް ކުރެވޭނޭ މާބޮޑުކަމެއް ޓްރަމްޕަކަށް ނެތެވެ. ޖެހޭނީ ދޫކޮށްލާށެވެ. އެކަމަކު އެއީ މާލާ މޭޕަލްސްއާއެކު ހެދި ކަހަލަ އަނގަ ލައްޕައިގެން ހިމޭނުން ހުރުމުގެ ބޮޑު އެއްބަސްވުމެއް ހަދައި ސޮއިކުރުވައިގެންނެވެ. މިކަމަށްޓަކައި ކޮންމެ އަގެއްދޭން ޖެހުނުކަމަށްވިޔަސް ހެޔޮކަމަށް ބަލައިގެންނެވެ. އަގުދީގެންނެވެ.

ޓްރަމްޕުގެ ދިރިއުޅުމުގެ ފޮރުވިފައިވާ ފަރާތާމެދު މެލާނިޔާ ވާހަކަދައްކާން ފަށައިފިނަމަ ޓްރަމްޕުގެ ފޭރާމުން މިހާތަނަށް ކަޝްފުނުވެހުރި ބައިވެސް ކަޝްފުވެ ނިމޭނެއެވެ. އެއީ ޓްރަމްޕަށް އަދި ފަރުޖެއްސޭވަރުގެ ކަމެއް ނޫނެވެ. 

އިންތިޚާބުން ބަލިވީމާ އެ ނަތީޖާ ގަބޫލުނުކޮށް ޓްރަމްޕާއި އޭނާގެ އެހީތެރިން ބޮޑުބަސްބުނެ ގަދަދައްކަމުންދާއިރު މި މައްސަލާގައި ޓްރަމްޕުގެ އާއިލާ އޮތީ ހަމަޔަށް ދެބައިވެފައެވެ. މެލާނިޔާގެ ދެމައިން ބޭނުންވާ ގޮތަކީ ބަލި ގަބޫލުކޮށް އަވަހަށް އަމާންދިނުމެވެ. ޓްރަމްޕުގެ ދޮށީ ތިންކުދީންގެ ތެރެއިން އިވާންކާވެސް ބޭނުންވަނީ އެގޮތެވެ. އެކަމަކު ދޮށީބަނޑުގެ ދެފިރިހެންކުދިން ބޭނުންވާގޮތަކީ ބަލިގަބޫލުނުކޮށް ހިފެހެއްޓުމެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް ވެރިކަމުގައި ދެމިހުރުމެވެ. ދެވަނަ ބަނޑުގެ ޓިފަނީ ބޭނުންވާގޮތް އަދިއޮތީ ވަންހަނާވެފައެވެ.