ކޯވިޑް-19 ގެ މި ހާލަތުގައި ކުދިން ޚިތާން ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އެޗްޕީއޭ އިން މިއަދު އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ހިތާން ކުރާ ގިނަ ކުދިން އެއްތަނެއްގައި (ބޮޑެތި ހޯލް ފަދަ ތަންތަނުގައި) ނުބޭތިއްބުމަށާއި، އަމިއްލަ އަމިއްލަ ގޭގައި ކުދިން ބޭތިިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ބައިތިއްބާނަމަ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބޭތިއްބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަކުރުމާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.
އަދި ގޭގެއަށް މީހުން ޒިޔާރަތް ކުރާއިރު ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާނުވާނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމާއި، ކޮވިޑްގެ އަލާމާތްތައް ފެންނަ މީހުން ގެއަށް ޒިޔާރަތް ނުކުރުމާއި، ގެއަށް ޒިޔާރަތް ކުރާ މީހުން ގިނައިރު މަޑުނުކުރުމަށް ބާރުއެޅުމުގެ އިތުރުން ގިނަ މީހުން އެއްވާ ގޮތަށް ޕާޓީތަކާއި، މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭ އިން މިކަމަށް އިލްތިމާސްކޮށްފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ފެންނަ ނިސްބަތް މިހާރު އަންނަނީ ދަށްވަމުންނެވެ. ނަމަވެސް ފަރުވާކުޑަކޮށްފިނަމަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އޮންނާނެތީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އެދެއެވެ.