Last Updated: April 16, 16:54
Tuesday, April 16, 2024
ޚަބަރު

ސަރުކާރަށް ދެ އަހަރު: އިދިކޮޅުން ދިނީ އެފް ރިޕޯޓެއް

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ ބޭނުންވާ ބާރު މިނުގައި ސަރުކާރަށް ކަންކަން ނުކުރެވޭ ކަމަށާއި، މި ސަރުކާރަށް ދޭންޖެހެނީ އެފް ރިޕޯޓެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުވައްރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު ރާއްޖޭގެ އިގްތިސާދު ވެސް ދިޔައީ ކުރިއަރަމުން ކަމަށާއި ނަމަވެސް މި ސަރުކާރުގައި އިގްތިސާދީ ޕްލޭނެއް ވެސް ނެތް ކަމަށެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފިޗުން ރާއްޖޭގެ ރޭޓިން ދެ ފަހަރެއްގެ މަތިން ދަށްކޮށްފައިވާ ކަމަށާއި މިއީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެފައިވާތީ ވެފައިވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭ ގޮތަށް ކަމަށާއި އެގޮތުން 400 މިލިއަން ޑޮލަރު ނަގައިގެން މާލެ އާއި ވިލިމާލެ އާއި ދެމެދު ބްރިޖެއް އެޅުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޑޮލަރުގެ އަގު ވެސް 19.5 ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެފައިވާއިރު ބޭރުން ގެންނަ ތަކެތީގެ އަގުވެސް ކުރިއަށް އޮތް ތަނުގައި މަތިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިއަރާނެ ފަދަ މަޝްރޫއެއް ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖެ އަށް ގެނެވިފައިވާތަން ފެނިފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި މުޅިން ވެސް ފެންނަނީ ލޯނު ނަގަމުންދާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ވެސް ކުރިއަރުވަން އަދި މަސައްކަތްތެރިން ކުރިއަރުވަން ވެސް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރު ހިނގަމުންދަނީ ވަރަށް ސްލޯކޮށް ކަމަށާއި ރައްޔިތުންނަށްވީ ވައުދެއް ވެސް ފުއްދިފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިދިޔަ ދެ އަހަރު އިދިކޮޅުން ސިފަކުރަނީ ގެއްލިގެންދިޔަ، ރާއްޖެ އަށް ކުރިއެރުމެއް ނުލިބޭ ދެ އަހަރުގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރަށް ދޭން ޖެހެނީ އެފް ރިޕޯޓެއް. ރައްޔިތުންނަށް ހެޔޮއެދޭ ކަމަށްވާނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިޔުން" އޭނާ ވިދާޅުވިއެވެ.