Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ އިން ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އާއި ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެއެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.