Last Updated: March 28, 14:17
Thursday, March 28, 2024
ވިޔަފާރި

ރަޝިޔާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަނީ

ރަޝިޔާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން (އެމްއޭސީއެލް) ބުނީ ރޮސިޔާ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށާނީ މި މަހުގެ 14 ގައި ކަމަށެވެ.

އެގޮތުން މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި ދެމެދު ހަފްތާއަކު އެއް ފްލައިޓު ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މި އެއާލައިން ރާއްޖެ އަށް ދަތުރުކުރާނީ އަންނަ އަހަރުގެ މާޗު މަހުގެ 27 ގެ ނިޔަލަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގޮތުން ބޯޑަރު ހުޅުވުނުފަހުން ރަޝިޔާ އިން 9519 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ބޯޑަރު ހުޅުވުނުފަހުން ރާއްޖެ އަށް މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ގިނަ އެއާލައިންތަކުން މިހާރު އަންނަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށަމުންނެވެ.