މިދިޔަ ދެ އަހަރު ވެރިކަން ކުރެއްވީ ޕްރެޝަރެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު ވެރިކަން ކުރެއްވީ ޕްރެޝަރުގައި ނޫން ކަމަށާއި ނަމަވެސް ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ގެ ކަންތައްތައް ފިޔަވައި މިހާތަނަށް ވިސްނައިގެން ނެތް ކަމަށް ކުރިމަތިވެ ވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަށްވުރެ އަޅުގަނޑަށް އުނދަގޫވި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު، މާ ޕްރެޝަރުގައި މަސައްކަތް ކުރީ. 2008 ގައި އަޅުގަނޑުމެން ތިބީ 27 މެމްބަރުންނާ އެކީގައި. އޭރު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން ބޭނުންވަނީ އެންމެ ވޯޓެއް. އެގަޑީގައި ސަރުކާރުން ހުށަހަޅާ ގާނޫނުތައް ފާސްކުރުމާއި، ފޮނުވާ ނަންތައް ފާސްކުރުމާއި، އަޣުލަބިއްޔަތު ހޯދުމަށްޓަކާ ކުރަންޖެހުނު މަސައްކަތް މިއަށްވުރެ މާ ބޮޑު، މާ ޕްރެޝަރު" ރައީސް ވިދާޅުވިއެވެ.
އަދި ބޮޑު މެޖޯރިޓީ އަކާއި އެކުގައި މަޖިލީހުގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިވަޑައިގެންނެވިނަމައޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވެރިކަމުގައި މިހުރީ އެހާ ޕްރެޝަރެއްގައެއް ނޫން" ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވަންތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުމުގައި ވެރިކަމަށް ވަޑައިގެންނެވުމަކީ ކުރެވޭނެ އެންމެ ގޯސް އެއް ކަންތައް ކަމަށެވެ.
އެގޮތުން އޭގެ ބަދަލުގައި ވިސްނަވަން ޖެހޭނީ ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.