އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބޮޑު ހިޔާނާތުގެ އެއްވެސް ލިސްޓެއްގައި އަދި އޭގެއިން އެއްވެސް ފައިސާއެއް ލިބިވަޑައިގެންނެވިތޯ އެއްސެވުމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ފަރާތް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ސަރުކާރުގައި ބައެއް ކަންކަމުގައި ބައްދަލުވި ކަމަށާއި ނަމަވެސް އެ ބައްދަލުވުންތަކުގައި ވެސް ފައިސާގެ އެއްވެސް ވާހަކައެއް ދެކެވިފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފައިސާގެ ވާހަކައެއް ދެކެވިފައެއް ވެސް ނޯންނާނެ އަދި އެއްވެސް ފައިސާއެއް ލިބިފައެއް ވެސް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު އެމަނިކުފާނަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރައްވަމުންނެވެ.
މީގެއިތުރުން މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅޭ މައްސަލަތަކުގައި ހަތަރު ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ޝަރީއަތްތައް މި މަހު ފެށިގެންދާއިރު، އެ ޝަރީއަތްތައް ލައިވްކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދާދިފަހުން ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.
ޕީޖީ އޮފީހުން މިކަމަށް އެދުނުއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށް ދައްކައިގެންނެވެ. އެއީ ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުންނެވެ.
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ކޯޓުގެ ހުއްދަޔާއެކު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ.
އެގޮތުން އަދީބު ގެއަށް ބަދަލުކުރީ ނިދަން ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.