އައްޑޫ ސިޓީގެ ތަރައްގީގެ ޕްރޮޖެކްޓުތައް ފެށޭނީ ކޮން އިރަކުންބާއޭ އަމިއްލަ އަށް ވެސް ސުވާލު ކުރައްވާ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިހެން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމް ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސޯބެ ވިދާޅުވީ ސާރކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީ ގަމުގެ ފާލަމުން މަރަދޫ ނިމެންދެން ހެދި ގާތްގަނޑަކަށް 9.4 ކިލޯމީޓަރުގެ މަގަށް 9 މިލިއަން ޑޮލަރު ސްރީ ލަންކާގެ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ.
އަދި މި މަގު އެޅުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސަދަން ޔުޓިލިޓީ ލިމިޓެޑާ މަޝްވަރާކޮށްގެން، ފެން ހޮޅި އަޅާފައިވާ ކަމަށާއި މި ތިން ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ބޮޑުމަގު ފިޔަވައި އެހެން މަގުތައް ބޭނުންކޮށްގެން ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއްވި ކަމަށާއި، ނަމަވެސް ފަހުން އެކަން ބަދަލުވެ އެހެން މަޝްރޫޢުތަކެއް ފެށިގެންދިޔަ ކަމަށް މޭޔަރ ވިދާޅުވިއެވެ.
"ނަރުދަމާ އަކީ ރައްޔިތުންނަށް ބޭނުން މުހިންމު މަޝްރޫޢެއް. މި މަޝްރޫޢު ހިންގިއިރު މި މަގު އަލުން ކަނޑާފައިވޭ. އެއިރު މަޝްރޫޢު ރޭވުނު އިރުވެސް ރާވާފައި ވަނީ މަގު ރީސަރފޭސް ކުރާ ގޮތަށް. ނަމަވެސް އިތުރު ޚަރަދުތަކެއް ހިނގައިދިޔަ. އެހެންކަމުން އޭގެއިން އެނގެނީ ތަރައްޤީގެ މަޝްރޫޢެއް ސަރުކާރުން އަދި ކައުންސިލުން ވިޔަސް ހިންގާއިރު، އެކަމެއް ރަނގަޅަށް ރާވާ ހިންގަން ޖެހޭކަން. އެހެންކަމުން މި ފިލާވަޅުތަކުން ދަސްވެ، މި ފިލާވަޅުތަކާއެކު ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެންމެންވެސް ދުރާލައި ރާވައިގެން ކުރިއަށްގެންދިއުމަށް ގޮވާލަން"، މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދެވުމަށް ރޭއްވެވި މަޝްރޫޢަކީ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމާއި، ވިއްސާރައިގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ފެން ހިންދުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢު ކަމަށެވެ.
"އަޅުގަނޑަށް އެނގޭ މިހާރުވެސް މިތަނުންވެސް ކުދިން ކުރާ ސުވާލަކީ ކޮން އިރަކުތޯ ފެށެނީ. އަޅުގަނޑު އަމިއްލައަށްވެސް ކުރާ ސުވާލަކީ އެއީ. މުޅި ދުނިޔެއަށް އައި ކޮވިޑް-19 ޕެންޑަމިކަކީ ދުނިޔޭގެ އެއްވެސް ސަރުކާރަކުން އުއްމީދު ކުރެއްވި ކަމެއް ނޫން. ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ގާތްގަނޑަކަށް އަށް މަސް ދުވަސް ގެއްލިގެން މިދިޔައީ. ތަރައްޤީގެ އެކި ކަންކަމާއި އިޤްތިޞާދަށް އެތަކެއް ގެއްލުމެއް ވެއްޖެ"، ސޯބެ ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ މި މަޝްރޫޢަކީ 2019 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢެއް ކަމަށާއި، އެކި އެކި ކަންތައްތަކުގެ ސަބަބުން މަޝްރޫޢު ފެށުން ލަސްވެފައިވާ ކަމަށެވެ.
"މިއަދު މިކަން ފަށާއިރު، ތާރު ނަގައި އަލުން ތާރު އަޅާނެ. މިކަން ކުރާއިރު އަޅުގަނޑުމެން އެންމެންނަށް ޔަޤީންކަން ބޭނުންވޭ އަލަށް ގެއަކަށް ނަރުދަމާ ގުޅާއިރު، އެ ހޮޅި ވެއްދުމަށް ދެން ތާރުގަނޑު ކަނޑަން ނުޖެހޭނެ ކަމަށް. އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން"، މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ވިދާޅުވީ މިއަދު ފެށުނު މި މަޝްރޫޢު ނިމިގެންދާއިރު، އައްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 23 ޑިސެންބަރު 2019 ގައެވެ. މި މަޝްރޫޢަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ގެނެސްފައި ވަނީ 20 ޖަނަވަރީ 2020 ވަނަ ދުވަހުއެވެ.
134 މިލިއަނަށްވުރެ ގިނަ ދިވަހި ފައިސާ ޚަރަދުކޮށްގެން ދިވެހި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.