Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޑީލެއްގެ ދަށުން ޔާމީން ދޫކުރުމުގެ ވިސްނުންފުޅެއް ރައީސްގެ ނެތް

ޑީލެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރެއްވުމުގެ ވިސްނުންފުޅެއް ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގެ ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ހުކުމާއި ހަމައަށް ގޮސްފައެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުކުމް ތަންފީޒު ކުރާ ފަރާތްތަކާ ދޭތެރޭގައި ވެރިއަކަށް ހުންނަ މީހަކު އަމަލުކުރަންޖެހޭ ގޮތް ގާނޫނުގައި ލިޔެވިފައިވާ ކަމަށާއި އެގޮތުން މިހާރު އޮންނަ ގޮތުންނަނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކަށް މައާފަށް ނުދެވޭ ކަމަށާއި އޭގެ ބަދަލުގައި އަދަބު ލުއިކޮށްދެވިދާނެ ކަމަށެވެ.

އަދި ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެހާ ހިސާބަށް ދެވޭނީ ހުރިހާ މަރުހަލާއެއް ނިމިގެން ކަމަށާއި އެގޮތުން ޔާމީންގެ އެއް މައްސަލަ ހައިކޯޓުގައި އޮތްއިރު އަނެއް މައްސަލަ ދަށު ކޯޓުގައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޔާމީންގެ މައްސަލައިގައި ކަމެއް ކުރެވޭނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިމުމުން ކަމަށް ވިދާޅުވެފައެވެ.

"އޭގެ ބޭރުން އަޅުގަނޑަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު ޔާމީންގެ ހުކުމަށް ލުޔެއް ދެއްވުމަށް އެދި މީގެކުރިން އިދިކޮޅު ފަރާތްތަކުން ވަނީ އެމަނިކުފާނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި އޭގެފަހުން ސިޓީތަކެއް ވެސް އިދިކޮޅުން ރައީސް އަށް ފޮނުއްވާފައިވެއެވެ.