ކޯވިޑް-19 އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށާއި މިބަލީގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.
"އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް" ރައީސް ވިދާޅުވިއެވެ.
އަދި ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތަކަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަލަށް ތަޢާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުންދާ ކަމަށާއި އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް" ރައީސް ވިދާޅުވިއެވެ.
އަދި ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީ ކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.