Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

ރަނުން ރަނަށް ވައުދުތައް ފުއްދޭނެ: ނަޝީދު

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރަނުން ރަނަށް މި ސަރުކާރަށް ވައުދުތައް ފުއްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެ ރައްޔިތުންގެ އުއްމީދު އާވާނެ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅުން ރަނުން ރަނަށް ވައުދުތައް ފުއްދޭނެ" ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި ވަނީ ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަންދޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުންދާ ކަމަށާއި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ، މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް" ރައީސް ވިދާޅުވިއެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީ ކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.