Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

އައްޑޫ ލިންކު ރޯޑު: ދަތުރުކުރެވޭ ވަރަށްވުރެ ހާލު ގޯސް

އައްޑޫ ލިންކު ރޯޑު ހަލާކުވެފައިވާ މިންވަރު. ފޮޓޯ: ފޭސްބުކް/

އައްޑޫ ސިޓީގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ، ސިޓީގެ ފަސް އަވަށް ގުޅުވައިދޭ ލިންކު ރޯޑުގެ ހާލަތު ދެރަވެ މަގުގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފި، ދަތުރުކުރާ މީހުންގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް މަގުގެ ހާލަތު ގޮސްފިއެވެ.

ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް ބޮޑުވެ އެހި ހިސާބުތަކުގައި އެއްފަޅި އެއްކޮށް ބޭނުންނުކޮށް، ދަތުރުވެރިން ވަނީ އަނެއް ފަރާތުން ދަތުރުކުރަން ފަށާފައެވެ.

މިދުވަސްކޮޅަކީ އައްޑޫއަށް ވިއްސާރަ ދުވަސްވަރަކަށް ވެފައި، ވާރޭ ވެހި މަގުގައި ފެންބޮޑުވެފައިވާއިރު ވަޅުގަނޑުތައް ބޮޑުވުމުގެ ސަބަބުން މަގުން ދަތުރުކުރާ ފަރާތްތަކަށް ވަޅުގަނޑުތައް ނުފެނި ދުއްވާ އުޅަނދަށާއި މީހުނަށް ވެސް ގެއްލުންތަކެއް ލިބިފައި އެބަ ހުއްޓެވެ.

މަގުގެ ހާލަތު ދަށްވެ އެންމެ ބޮޑުތަކުލީފެއް އުފުލަން ޖެހެނީ އައްޑޫގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނެވެ. މިތިން އަވަށަކީ ވެސް ނަރުދަމާ އެޅުމަށް އަވަށުގެ ބޮޑު މަގު އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ކޮނެ، މަރާމާތުނުކޮށް އޮތް ތިން އަވަށެވެ. ތިން އަވަށުގެ ވެސް ބޮޑުމަގު ހަލާކުވެފައިވާތާ މިހާރު އެތައް އަހަރެއް ވަނީ ވެފައެވެ.

މިހާލަތުން އަރައިނުގަނެވި އޮތްވާ ތިން އަވަށުގެ ލިންކު ރޯޑުގައި ވެސް ބޮޑެތި ވަޅުގަނޑުތައް ހެދި، މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން ސަރުކާރަށް އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޚާއްސަކޮށް، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ފެށޭ ވާހަކަ ދޭތެރެއަކުން ނޫސްތަކުގެ ސުރުޚީއަށް އަރަމުން އަންނައިރު، އަމަލީ މަސައްކަތެއް ނުފެށި ގިނަ ދުވަސްވަމުން އަންނާތީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލެން ފަށައިފިއެވެ.

އެންމެ ފަހަކަށް ހާމަކޮށްފައިވާ ގޮތުގައި، މި ހިނގަމުންދާ ނޮވެމްބަރު މަހަކީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ފެށޭނެ މަހެވެ.

ތާރު އެޅިފައިނުވާ މަގުތަކުގެ ހާލަތު ގޯސްކަމުން ތާރު އެޅިފައި އޮތް ލިންކު ރޯޑު ބޭނުން ކުރަން ގިނަ ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ. ލިންކު ރޯޑުގައި ދުއްވަން ދަތިވުމާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފުތައް ކަމާ ބެހޭ އިދާރާތަކަށް ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.