Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ވެކްސިނުން ވައްކަން ކުރިޔަދީގެން ނުވާނެއެވެ.

ކޮރޯނާއަކީ ފަހުގެ ތާރީޚުގައި ދުނިޔެއަށް އެންމެބޮޑު ގެއްލުމާއި ހަލާކު ކުރިމަތިކުރި ވަބާއެވެ. އަހަރެއްހައި ދުވަހު ދުނިޔެ ސުންނާފަތިކުރި ކޮރޯނާއަށް ދެން ލަހެއްނުވެ ހައްލު ލިބިދާނެއެވެ. ދުނިޔެ މިހާރު އޮތީ ކޮރޯނާ ވައިރަހަށް ވެކްސިނެއް ހޯދުމުގެ މަގުމަތީގައެވެ. ޗައިނާ އާއި ރަޝިޔާ އަދި އެމެރިކާއާއި އިނގިރޭސިވިލާތާއި އިންޑިޔާ ކަހަލަ ގައުމުތަކުގެ ބައެއް ކުންފުނިތަކުން މިހާރުވަނީ ވެކްސިނެއް އުފައްދައި އަޖުމަބެލުމުގެ އެންމެފަހު މަރުހަލާޔަށް ވާސިލްވެފައެވެ. އެހެންވީމާ އެންމެ ލަސްވެގެންވެސް އަންނައަހަރުގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ކޮރޯނާ ވެކްސިން އާއްމުކޮށް ބޭނުންކުރަން ފަށާނޭކަން މިހާރުވަނީ ޔަގީންވެފައެވެ.

ވެކްސިން އާއްމުވުމުން ކޮރޯނާގެ ބިރުވެރިކަމާއި ނާމާންކަމަށް ނިމުމެއް އަތުވެދާނެއެވެ. ދުނިޔެއަށް ހަމަޖެހުމެއް ލިބިދާނެއެވެ. އާލަމީބަންދާއި ފުރަބަންދާއި މިހެންގޮސް ކޮރޯނާޔާއި ގުޅިގެން ތައާރަފުވި ހުރިހާ ބަންދުތަކަށް ނިމުން އަތުވެދާނެއެވެ. ދުނިޔޭގެ އިގްތިސާދު އަލުން ހިގައިގެންފާނެއެވެ. އެންމެ އަވަހަށް ވިކޭ އެންމެ ޑިމާންޑް ބޮޑު އެންމެ ބޭނުންތެރި އެއްޗަކަށް ވެފައި އޮންނާނީ ކޮރޯނާ ވެކްސިނެވެ. މި ވެކްސިނުގެ އަގު ބޮޑެއްވެސް ނުވާނެއެވެ. ކުޑައެއްވެސް ނުވާނެއެވެ. ވެކްސިން އުފައްދާ ގައުމުތަކަށްވުރެ ގިނަވާނީ ނުއުފައްދާ ގައުމުތަކެވެ. ގަނެގެން ބޭނުންކުރަން މަޖުބޫރު ގައުމުތަކެވެ. އެހެންވީމާ ވެކްސިނުގެ ވިޔަފާރި ވެގެންދާނީ ފިސާރި ވިޔަފާރިއަކަށެވެ.

ދިވެހިރާއްޖެ ހިމެނޭނީ ކޮންމެވެސް ބައެއްގެ އަތުން ގަނެގެން ރައްޔިތުންނާ ހަމަޔަށް ވެކްސިން ފޯރުކޮށްދޭންޖެހޭ ގައުމުތަކުގެ ތެރޭގައެވެ. ބުނާތީ އިވެއެވެ. އިހަށްދުވަހު ރައްޔިތުންގެ މަޖިލީހަށް މާލީވަޒީރު ހުށައެޅުއްވި އަންނައަހަރުގެ ބަޖެޓުގައި ކޮރޯނާ ވެކްސިން އެތެރެކުރުމަށް އެތައްސަތޭކަ މިލިޔަން ރުފިޔާ ހިމަނުއްވާފައިވެއެވެ. ކޮންމެއަކަސް އެހުރިހާ ރުފިޔާއެއް އެކަމަށް ނުވަތަ އެނަމުގައި ޚަރަދުކޮށް ހުސްކުރާނެއެވެ. އެޔަށްވުރެ އިތުރަށްވެސް ޚަރަދުކުރާނެއެވެ. ބައެއްމީހުންގެ ޖީބުތައް ފުރޭނެއެވެ. ވެކްސިން ގެނައުމުގެ ނަމުގައި ކުރީ ވައްކަމޭ ބުނެ ނޫސްތަކަށް ސުރުޚީވެސް އަރާނެއެވެ. އައު ތަހުގީގުތަކެއްވެސް އެންޓި ކޮރަޕްޝަން ކަމިޝަނުން ފަށާނެއެވެ.

މިހެން ލިޔުނީމާ ބައެއް މީހުން ބުނާނެއެވެ. އައްދެ އައްދޭއެވެ. ވާންހުރި ކަންކަންވެސް ކަލެޔަށް އެނގެނީހެއްޔެވެ. ވާންހުންނަ ކަންކަން އެނގެނީއެއް ނޫނެވެ. ތަޖުރިބާގެ އަލީގައި ލަފާކުރަނީއެވެ. ވެންޓިލޭޓަރު ވައްކަމުގެ ވާހަކަ ދެއްކީ އިއްޔެއެވެ. އެއީ ކުއްލިޔަކަށް އައިސް ބޯމަތިވި ކޮރޯނާގެ ބިރުވެރިކަމުގެ ތެރޭގައި ނޭވާލާ ނިޒާމުންވެސް ވައްކަންކުރާން ބަޔަކު އުޅުނު ވާހަކައެވެ. އެ ނިޒާމުން ވައްކަންކުރާން ދިމާކުރިބަޔަކު ވެކްސިނުން އެއްޗެއް ނެރެން ދިމާނުކުރާނެ ބާވައެވެ. ނުކޮށެއް ނުތިބޭނެއެވެ. ވެކްސިނުގެ ތެރެއިން ވައްކަންކުރަން މާފަސޭހަވާނެއެވެ. ޑަބްލިޔުއެޗްއޯގެ ބޮލަށް ވެކްސިން ކަނޑައިލަން މާބޮޑަށްވެސް ފަސޭހަވާނެއެވެ.

ޗައިނާއިން ބާރުއަޅާނީ އެގައުމުގެ ވެކްސިން ގަތުމަށެވެ. އިންޑިޔާއިން ބާރުއަޅާނީ އެގައުމުގެ ވެކްސިން މާކެޓްކުރުމަށެވެ. ރަޝިޔާއާއި އިނގިރޭސިވިލާތާއި އެމެރިކާއިންވެސް އިސްކުރާނީ މި ސިޔާސަތެވެ. ފަގީރުވިޔަސް ނިކަމެތިވިޔަސް ގައުމުގެ ސައިޒު ކުޑަވިޔަސް ހަމަކޮންމެ ގައުމަކަށްވެސް މިވެކްސިން ގަނެ ރައްކާކުރަން މަޖުބޫރުވާނެއެވެ. ރައްޔިތުންގެ ގަޔަށް ޖަހާން މަޖުބޫރުވާނެއެވެ. އިގްތިސާދީ ދުޅަހެޔޮކަމަށް ބަލައިފައި އެކިގައުމުތަކަށް ވެކްސިން ވިއްކާ އަގު ތަފާތުވާނެއެވެ. ސިންގަޕޫރާއި ގަތަރަށް ވިއްކާ އަގަށްވުރެ ރާއްޖެއަށް ވިއްކާ އަގު ހެޔޮވާނެއެވެ. އަގުން އުނިކުރާބައި ކޮންމެވެސް ލޯނެއް ނުވަތަ ބޭރުގެ ކޮންމެވެސް އެހީއަކަށް ފައްތައިލާނެއެވެ.

ދެންވާނީ ކިހިނަކުންބާވައެވެ. ދެންވާނެގޮތަކީ ކޮރަޕްޝަނުގެ ދޮރުތައް ހުޅުވޭނީއެވެ. ވެކްސިން މާކެޓްކުރާ މީހުންގެ ހަދިޔާބަދިޔާ އާއްމުވާނީއެވެ. ވަކިބައެއްގެ އުފެއްދުމެއް އެތެރެކުރަންޏާ އެ ނިންމުމެއްގެ ފަހަތުގައިވާ މީހުންނަށް ދެވޭ ފައިސާގެ އިނާމު ބޮޑުވެގެންދާނީއެވެ. ޗައިނާ މީހުންގެ ވެކްސިން ވިއްކާން އެގައުމުގެ ވަފުދު އައިމާ ބުނާނެއެވެ. ކޮލިޓީގެ ވާހަކަ ނުދައްކާށެވެ. އަހަރެމެންގެ ޖީބަށް އަޅައިދޭނޭވަރު ބުނާށެވެ. ގަންނާނީ އެންމެ ގިނައިން އަޅައިދޭން އެއްބަސްވާ ބައެއްގެ އުފެއްދުމެވެ. މިއީ ޚިޔާލީ ވާހަކައެއް ނޫނެވެ. މިއީ މިޒާތުގެ މާހައުލުގައި މިޒާތުގެ ވިޔަފާރި ހިންގޭ އުސޫލުގެ ވާހަކައެވެ.

ދުނިޔޭގެ ގައުމުތަކަށް ހަތިޔާރު ވިއްކުމުގައިވެސް ގެންގުޅޭތީ ފެންނަނީ މިކަހަލަ އުސޫލެކެވެ. ވަކިވައްތަރެއްގެ ބޮޑުބަޑިޔެއް، ވަކިވައްތަރެއްގެ ސަބްމެރީނެއް ނުވަތަ ވަކި ވައްތަރެއްގެ ޓޭންކެއް ގަތުމަށް ޝަރުތުކޮށް ގައުމުތަކުގެ ދިފާއީވަޒީރުންނާއި ސިފައިންގެ ވެރިންނަށް ހަދިޔާދިނުމަކީ އާއްމު ކަމެކެވެ. ބައެއްފަހަރު ބޮޑުވަޒީރާ ހަމައިންވެސް ޑީލްތައް ނިމިފައިހުރެއެވެ. މީގެ އެއްމިސާލަކީ ސުވިޑަންގެ ބޯފަރސް ކުންފުނީގެ ބޮޑުބަޑި ގަތުމަށް ބާރުއެޅުމަށްޓަކައި ބޮޑުވަޒީރުވެސް ހިމެނޭގޮތަށް އިންޑިޔާ ސަރުކާރަށް ބޯފަރސް ކުންފުނިން ދިން ރިޝްވަތެވެ. އަދިވެސް މިކަހަލަ ކިތަންމެ ކިތަންމެ މިސާލެއް އެކިގައުމުތަކުން ނެގިދާނެއެވެ. ދެއްކިދާނެއެވެ.

ސަރުކާރެއް އޮތުމުގެ ބޭނުމަކީ އަދި ގާނޫނުތަކަށް ތަބާވުމުގެ ބޭނުމަކީ މިޒާތުގެ ވައްކަމަށް ހުރަސްއެޅުމެވެ. އެހެންވީމާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދެންވެސް ހުރިއްޔާ ހުރި ކޮމިޝަންތަކުން ތަންކޮޅެއް ބޮޑަށް ލޯހުޅުވައިގެން ތިބުން ލާޒިމެވެ. ވަގުން ހިފުމަށްޓަކައި ހޭއަރައި ތައްޔާރުވެ ތިބުން ލާޒިމެވެ. އެހެންނޫނީ ވާނެގޮތަކީ ނޭވާލާހޮޅިން ވައްކަންކުރި މީހުން މިފަހަރު ބެޗިހެން ވެކްސިނުން ވައްކަންކުރާ މީހުންވެސް ބަޗާނީއެވެ. ވަގުހިފޭގޮތެއް ނުވާނެއެވެ. އެންމެފަހުން ޕީޖީ ވިދާޅުވާނެއެވެ. ފަޑިޔާރުގޭގައި ތިޔައީ ވައްކަމެއްކަން ސާބިތުކޮށްދެވޭ ވަރަށް ހެއްކާއި ގަރީނާއެއް ނެތެވެ.