Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ޗައިނާ އިން އެންމެފަހުން ބައިޑެން އަށް މަރުހަބާ ކިޔައިފި

ހިމޭންކަމުގައި ދުވަސްތަކެއް ވަންދެން ތިބުމަށްފަހު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް ޗައިނާ އިން އެންމެފަހުން މަރުހަބާ ކިޔައިފިއެވެ.

ބައިޑެން އިންތިހާބު ކާމިޔާބު ކުރެއްވިކަން އެމެރިކާގެ މީޑިއާތަކުން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު ގައުމުތަކުގެ އިސްވެރިން ގެންދިޔައީ ބައިޑެން އަށް މަރުހަބާ ދަންނަވަމުންނެވެ. ބައިޑެން އަށް މަރުހަބާ ނުދަންނަވައި މަޑުކޮށްގެން ތިބި މަދު ގައުމުގެ ތެރޭގައި ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތައް ހިމެނެއެވެ. އެގޮތުން ޗައިނާ އިން ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ ނުލިބެނީސް ބައިޑެން އަށް މަރުހަބާ ނުދަންނަވާނެ ކަމަށް ބުނެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ އެމެރިކާގެ އިންތިހާބުގެ ކަންކަން ވަރަށް ގާތުން ދިޔައީ ބަލަމުން ކަމަށެވެ. އެގޮތުން އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް ބައިޑެން އަށާއި ރަނިންމޭޓް ކަމަލާ ހެރިސް އަށް މަރުހަބާ ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތަކުން ބައިޑެން އަށް މަރުހަބާ ދަންނަވަމުން ގެންދަވާއިރު އިންތިހާބުގެ ނަތީޖާ ބަލައިގަންނަން އިންތިހާބުން ބަލިވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ޓްރަމްޕަކީ 1992 ވަނަ އަހަރަށްފަހު ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމާއި ދުރަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. އެންމެފަހުން ދެވަނަ ދައުރެއް ލިބިވަޑައިނުގެން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖޯޖް ބުޝް އެވެ.

އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި 46 ވަނަ ރައީސް އެވެ.