އަންނަ އަހަރު ދިނުމަށް ފިނޭންސް މިނިސްޓްރީން ދިނުމަށް ނިންމާފައިވާ ބަޖެޓުން ގާނޫނީ ޒިންމާ އަދާނުކުރެވޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި އެޗްއާރުސީއެމަށް ދޭން ނިންމާފައި އޮތީ 24.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނާއި އެންޓިޓޯޗާ ގާނޫނާއި، ވިސްލްބްލޯ ގާނޫނުގެ ދަށުން އެ ކޮމިޝަނާ ވަރަށް ގިނަ ކަންތައްތައް މަތިކޮށްފައިވާ ކަމަށެވެ.
އެގޮތުން ކޮމިޝަނުން ފުރަތަމަ އެކުލަވާލެއްވީ 39 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ނަމަވެސް ފިނޭންސް މިނިސްޓްރީގެ މަޝްވަރާއާއެކު 30 މިލިއަނަށް ބަޖެޓް ކުޑަކުރި ކަމަށް މުއުމިނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު ބަޖެޓް އޮތީ 24 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައި ކަމަށާއި، މިއީ އެކޮމިޝަނާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މުއުމިނާ ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނާ ހިސާބަށް ވެސް އެ ކޮމިޝަނުން ދާން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށް ވެސް ބަޖެޓެއް ނެތްއިރު އެކި ޔުނިޓްތަކަށް މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓެއް ވެސް ނެތް ކަމަށެވެ.
އަދި ކޮމިޝަނަށް މިހާރު ދީފައިވަނީ ހަމައެކެނި މުވައްޒަފުންނަށް މުސާރަ އާއި އިދާރާގެ ކުލި ދީފައި ތިބެން ޖެހޭ މިންވަރުގެ އަދަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.