Last Updated: July 26, 12:00
Saturday, July 26, 2025
ޚަބަރު

ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހުން ތަމްރީނު ކުރަނީ

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ: ފޮޓޯ / ވަން

ކޮންމެ ކައުންސިލަކަށް ފާރަވެރިވާނެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ލާމަރުކަޒީ ކުރި ނަމަވެސް ބައެއް ކައުންސިލަރުން ދަނީ މަހަށް ކަމަށާއި، ހާމަކުރަންޖެހޭ މައުލޫމާތެއް އަދި ކައުންސިލަތަކުން ބާއްވާ ބައްދަލުވުންތަކުގެ މައުލޫމާތު ވެސް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

"މި މަހު މި ފަށަނީ މިކަމަށް ހަރަކާތްތެރިވާނެ އާރުޓީއައި އެކްޓިވިސްޓުން، ދިވެހި ބަހުން ބުނާނަމަ މަހޯލި ހަރަކާތްތެރިން އުފެއްދުމުގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް. މިހާތަނަށް 50 މީހުން އެބައޮތް ބައިވެރިވެފައި" ފިޔާޒު ވިދާޅުވިއެވެ.

އަދި އަމާޒަކީ ކޮންމެ ރަށަކަށް އޭގެ މީހަކު އުފެއްދުން ކަމަށާއި އޭރުން ކޮރަޕްޝަން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަށް ދީފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަމުން ފިޔާޒު ވިދާޅުވީ އެ ކޮމިޝަނަށް ބަޖެޓުގައި ހިމަނާފައިވާ ހަތަރު މިލިޔަން ރުފިޔާއަކީ ނޭވާލެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ. އަދި އޮފީހުގެ ހާލަތު ވެސް ހުރީ ދަށް ފެންވަރެއްގައި ކަމަށާއި އިދާރާއަކަށް ބަޖެޓް އިތުރުކޮށްދޭނަމަ އެ އޮފީހަށް ބަޖެޓް އިތުރުކޮށްދިނުމަށް ފިޔާޒު ވަނީ އެދިފައެވެ.

އަދި ބަޖެޓު ކުޑަ ނަމަވެސް ހަރަދުތައް ކުޑަކޮށްގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.