Last Updated: July 26, 12:00
Saturday, July 26, 2025
ޚަބަރު

އައިންތުގެ ކާރަށް ގެއްލުންދިން ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އަންހެން ޓެކްސީ ޑްރައިވަރު އާމިނަތު ވަހީދާގެ (އައިންތު) ކާރަށް ގެއްލުންދީފައިވަނީ މިދިޔަ މަހުގެ 27 ގައެވެ. އެގޮތުން އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި ވަނީ ގެއްލުންދީފައެވެ. މިއީ އޭނާގެ ކާރަށް ގެއްލުންދިން ފަސްވަނަ ފަހަރެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މި މަހުގެ ފަސްވަނަ ދުވަހު އުމުރުން 26 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށާއި އަދި އޭނާގެ ބަންދަށް ދެ ފަހަރެއްގެ މަތިން މުއްދަތު ޖަހާފައިވެއެވެ. އެގޮތުން އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެއް ކަމަށްވާއިރު އެ މުއްދަތު ހަމަވުމުން ދެންވެސް ޖެހީ ފަސް ދުވަހެވެ.

އެ މައްސަލައާ ގުޅިގެން އިތުރު މީހަކު އިިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެެކެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.

ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް އައިންތު ވަނީ ބުނެފައެވެ.

އައިންތުގެ ކާރަށް ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.