ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށެވެ. އޭނާ ސަސްޕެންޑުކުރީ އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ 11 މައްސަލަ ބަލައި ނިމެންދެންނެވެ.
އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް މުވައްޒަފުން ނެގުމާއި، މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ކޮށްފައިވުމާއި، ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނުވުމުގެ މައްސަލަ ހިމެނެއެވެ.
އެލްޖީއޭ އިން ވަނީ އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް މި މަހު 24 ގެ ނިޔަލަށް އަބްދުﷲ ރަޝީދަށް ފުރުސަތު ދީފައެވެ.
އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅެކެވެ.