Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޕީޕީއެމްގެ ކައުންސިލަރުން ސަސްޕެންޑުކުރަނީ ސަރުކާރު ފެއިލްވުމުން: ޝުޖާއު

ޕީޕީއެމްގެ ކައުންސިލަރުން ސަސްޕެންޑު ކުރަނީ ސަރުކާރު ފެއިލްވުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެންނެވެ. އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅެކެވެ.

އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑު ކުރުމަކީ ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުން މިގޮތަށް ސަސްޕެންޑުކޮށް، ބިރު ދައްކައިގެން ކައުންސިލު އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ މި ސަރުކާރު ފެއިލްވެ، ތާއީދު ނެތުމުން ކަމަށާއި މިކަން ކުށްވެރިކުރާ ކަމަށެވެ.

"އަބްދުﷲ ރަޝީދަކީ ނަމޫނާ ހިންގުންތެރި ކައުންސިލަރެއް. ޕީޕީއެމް/ޕީއެންސީ މިތިބީ އަބްދުﷲ އާއެކު، ހިތްވަރު ކުރައްވާ. މި ފެންނަނީ ނާގާބިލު ސަރުކާރު ހަތަރެސްފައިން ވެސް ގޯސް ހަދާތަން" ޝުޖާއު ވިދާޅުވިއެވެ.

އެލްޖީއޭ އިން އަބްދުﷲ ރަޝީދު ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށެވެ. އޭނާ ސަސްޕެންޑުކުރީ އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ 11 މައްސަލަ ބަލައި ނިމެންދެންނެވެ.

އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް މުވައްޒަފުން ނެގުމާއި، މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ކޮށްފައިވުމާއި، ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނުވުމުގެ މައްސަލަ ހިމެނެއެވެ.

އެލްޖީއޭ އިން ވަނީ އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް މި މަހު 24 ގެ ނިޔަލަށް އަބްދުﷲ ރަޝީދަށް ފުރުސަތު ދީފައެވެ.