Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

"ދެ އަހަރުތެރޭ ހުރިހާ ވަގުތެއް މަލީހު ހޭދަކުރެއްވީ މިރުސް ގަސް ހައްދަން"

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު - ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ

ސަރުކާރު ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުން މަލީހަށް ފާޑުކިޔުންތައް އޮއްސާލައިފިއެވެ.

އިއްޔެ "ވީމީޑިޔާ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހުގެ މި ވާހަކަތަކާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ 2 އަހަރު ވެގެންދިޔައިރު ކޮމިއުނިކޭޝަން މިނިސްޓްރީން ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރު މިރުސް ހައްދަވަން ހުރިހާ ވަގުތެއް ތިޔަ ހޭދަކުރެއްވީ. މަޖިލިސް ހިންގަންވާ ގޮތެއް މަލީހަކަށް ނޭނގޭނެ" ހަސަންޓޭ ވިދާޅުވިއެވެ.

މަލީހަށް ފާޑު ވިދާޅުވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ޒިންމާ އަދާނުކުރެވި ފެއިލްވުމުން އެ ބަޔަކާއި ސުވާލުކުރުން އެއީ ރައްޔިތުން ހޮވާފައިތިބި މަންދޫބުންގެ ހައިސިއްޔަތުން މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މަލީހު ދެއްކެވި ވާހަކަތައް އެއީ "ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މަހާނަ މައްޗަށް މަޑިއަށް ޖެހުން" ކަމަށެވެ. މަލީހަށް ރައްދު ދެއްވަމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ މަލީހު އެންމެ ރަނގަޅުވާނީ ސަރުކާރުން ހަވާލުކޮށްފައިވާ މެންޑޭޓް އަދާކުރުން ކަމަށާއި އަދި ބޮޑުކަމެއް ދިމާވުމާއި އެކު ޗުއްޓީ ނެގުމަކުން ނުނިމޭނެ ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް މަލީހަށް އޮއްސާލި ނަމަވެސް، މަލީހު އެކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.