ރާއްޖޭގެ 26 ރިސޯޓެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން މިވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ 26 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 139 މީހުން އެބަތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 59 ފަތުރުވެރިންނާއި 80 މުވައްޒަފުން ކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓުތަކެއްކަން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑްގެ 11 އެކްޓިވް ކޭސް އެބައުޅެއެވެ.
ރާއްޖެއިން މިއަދު އިތުރު 42 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،154 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 843 ކޭސް އެވެ. މި ބަލިން 11،262 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ. މި ބަލީގައި 42 މީހަކު ވަނީ ނިޔާވެފައެވެ.