Last Updated: April 24, 17:43
Wednesday, April 24, 2024
ޚަބަރު

ޒިންމާ އަދާނުކުރޭ، މަލީހަށް އިތުބާރެއް ނެތް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: މަޖިލިސް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް އިތުބާރު ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ޓީވީ ޕްރޮގްރާމެއްގައި މަލީހު ވިދާޅުވުމުންނެވެ.

އެގޮތުން އިއްޔެ "ވީމީޑިޔާ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ދެއްކެވި މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން މީކާއިލް ވިދާޅުވީ ފެށުނީއްސުރެން މިއަދާއި ހަމައަށް މިނިސްޓަރު މަލީހު ވަޒީފާގެ ޒިންމާތައް އަދާކުރެއްވުމަށް ވުރެ އިސްކުރައްވާފައިވަނީ އޭނާ ޖަވާބުދާރީ ކުރުވަން އުޅޭ އެންމެންނަށް ރައްދު ދިނުމަށް ކަމަށެވެ.

"މަލީހު އިތުރަށް ތިޔަ ވުޒާރާ ހިންގަވަން ހުންނެވުމަށް އިތުބާރެއް ނެތް" މީކާއިލް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް މަލީހަށް އޮއްސާލި ނަމަވެސް، މަލީހު އެކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.