Last Updated: July 26, 12:00
Saturday, July 26, 2025
ޚަބަރު

8 މަހަށްފަހު ޕްރީސްކޫލު ކުދިންނަށް ކިޔަވައިދޭން ފަށައިފި

ޕްރީ ސްކޫލެއްގެ ދަރިވަރުންތަކެއް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު

8 މަހަށްފަހު އަތޮޅުތަކުގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ.

އަތޮޅުތަކުގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ކޯވިޑު-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް އެޗް.ޕީ.އޭގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދިނުމާ ގުޅިގެންނެވެ. އެގޮތުން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑާއި ގުޅިގެން ސްކޫލްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ސްކޫލްތައް ވަނީ މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު އަނެއްކާވެސް ބަންދުކޮށްފައެވެ.

މާލެ ސަރަހައްދުގައި މިހާރު ކިޔަވައި ދެނީ، ހަމަ އެކަނި ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ލުއިތަކާއެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަށްފަހު އަނެއްކާވެސް ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 12،000 އަށް ވުރެ މައްޗަށް އަރާފައެވެ.