ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 12 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 17 ސެޕްޓެމްބަރ 2020 ގައެވެ.
މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
މީގެ އިތުރުން، 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އެ މަޝްރޫއު އަށް 55.97 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.