Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

އެސްޑީއެފްސީގެ ލޯނުތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަން އަންގައިފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތަކަށް ހުށަހަޅާ ފޯމުތައް ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލައިފިއެވެ.

އެސްޑީއެފްސީން ބުނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ލޯނުތަކަށް ހުށަހަޅާ ފޯމުތައް ބަލައިގަންނަމުންދާނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެއެވެ. އީފާސް އަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ.

އީފާސް އެކައުންޓް ހުޅުވޭނީ އައިޑީކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކޮށްގެންނެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާ ގޮތުގެ ސްޓޭޓަސް ޗެކް ކުރެވޭނެއެވެ.

އެސްޑީއެފްސީން ބުނީ މި ބަދަލާއެކު އެ ކޯޕަރޭޝަނުން ދޫކުރަމުންދާ ލޯނުތަކަށް އެދި ހުށަހެޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.