Last Updated: July 26, 12:00
Saturday, July 26, 2025
ޚަބަރު

ބަޖެޓުގައި ހުރީ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް - ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހުރީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް، ޕްރޮޖެކްޓްތައް ނުފަށަން މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އަންނަ އަހަރަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަކީ، ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށްވެސް ހާޝިމް ވިދާޅުވިއެވެ. އެގޮތުން ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދު އަންނަ އަހަރުވެސް ރަނގަޅު ނުވެއްޖެ ނަމަ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން ދަތިވެ މަޝްރޫއުތައް ނުހިންގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރުވެސް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް" ހާޝިމް ވިދާޅުވިއެވެ.

މީގެއިތުރުން ގަވަރުނަރު ވަނީ ބަޖެޓުގައި ހިމެނިފައިވާ މަަޝްރޫއުތައް ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފައެވެ.

"ރާއްޖޭގެ ބާޒާރުން ކެޕިޓަލް މަޝްރޫއުތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓަށް ހީނަރުކަމެއް ނާންނާނެ ފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދަން ލަފާދެން" ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.