Last Updated: April 19, 18:16
Friday, April 19, 2024
ދުނިޔެ

ބަލި ގަބޫލުނުކުރާނަން، ވޯޓު ވަނީ އޮޅުވާފައި: ޓްރަމްޕް

ހިނގަމުން މިދާ ނޮވެމްބަރު ކުރީކޮޅު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެ ކަމަށް އިންތިޚާބުން ބަލިވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ޓްރަމްޕް، ބަލި ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައިވަނީ ތަކުރާރުކޮށް އިންތިޚާބުން އިދިކޮޅު ޕާޓީން މަކަރު ހަދާފައިވާ ކަމަށާއި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށްފައެވެ. އަދި މި އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓް ކެންޑިޑޭޓު ޖޯ ބައިޑެން ވޯޓުން ކުރިއަށް ޖެހިލީއްސުރެ ޓްރަމްޕް ވަނީ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަން ފައްޓަވާފައެވެ. ޓްރަމްޕުގެ ބަހަނާއަކީ މެއިލް އިން ގުނާފައިވާ ވޯޓު ގުނުމުގައި ދެފުށް ފެންނަ ސިޔާސަތެއް ގާއިމުވެފައި ނެތުމެވެ.

ނަމަވެސް މިތުހުމުތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް އެމެރިކާގެ ރައީސަށް މިހާތަނަށް ދެއްކިފައި ނުވެއެވެ. ޓްރަމްޕް ވަނީ އިންތިޚާބުގެ ވޯޓު ގުނުން ސައްހަ ނޫން ކަމަށް ބުނެ 12 މައްސަލައެއް ފެޑެރަލް ކޯޓަށް ވައްދާފައެވެ. ނަމަވެސް މިހުރިހާ މައްސަލައެއް ކޯޓުން ބޭރުކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އިންތިޚާބުގެ ނަތީޖާ ޓްރަމްޕް ގަބޫލުނުކުރެއްވިޔަސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ލީޑަރުން ވަނީ އިންތިޚާބު ކާމިިޔާބުކުރެއްވި ޖޯ ބައިޑަންއަށް މަރުހަބާ ކިޔާފައެވެ.

ބައިޑަން ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިއީ 1992 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސަކު ދެވަނަ ދައުރަށް ނުހޮވި ވައިޓް ހައުސް ދޫކޮށްލައްވަން ޖެހޭ ފުރަތަމަ ފަހަރެވެ. އެފަހަރު ޖޯޖް.އެޗް.ޑަބްލިއު ބުޝް ވަނީ ބިލް ކްލިންޓަންއާ ވާދަކޮށް ބަލިވެފައެވެ. ބުޝް ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވުނު ރޭ ބަލި ގަބޫލު ކުރައްވައި ކްލިންޓަންއަށް މަރުހަބާ ދަންނަވާފައެވެ.