Last Updated: April 26, 18:02
Friday, April 26, 2024
ވިޔަފާރި

މިދިޔަ މަހު އެކްސްޕޯޓު މައްޗަށް، އިމްޕޯޓު ދަށަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު އިތުރުވެ، އިމްޕޯޓު ކުރި މިންވަރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މިދިޔަ އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ އޮކްޓޫބަރު މަހު އެ އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 51 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 14 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ އިންޑިޔާ ޗައިނާ އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވަނީ އިތުރުވެފައެވެ.އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 289 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައވާއިރު މި އަހަރު އެ އަދަދު ވަނީ 305 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 58 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 41 ޕަސެންޓަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި 295 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 174 މިލިއަން ރުފިޔާއެވެ.