Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ޖޭއެސްސީ

ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް އެ ކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލަ ހިންގި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/M7C/2014 ޤަޟިއްޔާ އާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ނަންބަރު 30/M7C/2014 ޤަޟިއްޔާ، 04 މެއި 2015 ގައި ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤު މުޙައްމަދު ދ.މާއެނބޫދޫ ކޯޓުގެ ނަންބަރު 2014/44 (29 ޖުލައި 2015) ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން ދ.މާއެނބޫދޫ ކޯޓުގެ ނަންބަރު 34/M7C/2014 ޤަޟިއްޔާ އާއި ނަންބަރު30/M7C/2014 ޤަޟިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ޤަޟިއްޔާ އަލުން ހިންގާފައިވަނީ އެ ޤަޟީއްޔާގައި ކުރިން ޙުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު އެނގިހުރެ ގަސްތުގައިކަން، އެދެމައްސަލަ ހިންގުމުގެކުރިން، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 423/2015-M8C (7 ޖުލައި 2015) ފެކްސް މެސެޖުން އެނގޭ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ބުނެ ތަޙްޤީޤަށް އޮޅުވާލާފައިވާކަންވެސް ފާހަގަ ކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ވަކިކުރުމަށް ނިންމިއިރު، އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާގު މުޙައްމަދު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ޙަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިޙްތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށްބުނާ މައްސަލައަކާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 87/M8C/2018 ޤަޟިއްޔާގެ ޝަރީޢަތަށް އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލަ މޯލްޑިވެސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަން ފެށުމާ ގުޅިގެން 07 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހުންނެވީ ސަސްޕެންޑްކޮށްފައެވެ.