Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

މަލީހު ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅައިފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަން ގާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރު މަލީހު ހަދާފައި ނުވާ ކަމަށެވެ.

އަދި އެ ގާނޫނުން ހެދުމަށް ލާޒިމުކުރާ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރު މަލީހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސްއަޅާފައިވާކަން ސާފުވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މަގާމުގައި މަލީހު ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި ގިނަ ރައްޔިތުންތަކެއް މިނިސްޓަރު މަލީހު ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ ސޯޝަލް މީޑިއާގައި އަމާޒުވެގެން ގޮސްފައެވެ.