Last Updated: July 26, 22:48
Saturday, July 26, 2025
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

މޫސުން ގޯސް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ބުނީ ވައިޓް އެލާޓް ދެމިގެން ދާނީ މިއަދު ހެނދުނު 8 އިން މެންދުރު 14:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.