ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް އަނބުރާ ގެންގޮސް، 25 ބިލިއަން ރުފިޔާ އަށް ތިރިކުރަން އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ މި ބަޖެޓާއި ގުޅޭގޮތުން މޮޅެތި ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި ނަމަވެސް އެމްއެމްއޭގެ ގަވަރުނަރާއި، އޮޑިޓާ ޖެނެރަލާއި އަދި ތަންދޮރު ދަންނަ އެއްވެސް މީހަކު މިއީ ރަނގަޅު ބަޖެޓެއް ކަމަށް ނުދަންނަވާނެ ކަމަށެވެ. އަދި ކޮންމެހެން މިވަގުތު 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުން މުހިއްމު ނޫން ކަމަށާއި ހަ މަސް ފަހުން ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހެޅިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ބޮޑެތި މަޝްރޫއުތައް ހިންގަންވީ ވަގުތެއް ނޫން ކަމަށާއި ނަމަވެސް ގަދަފައި ވިއްދާފައި މަޝްރޫއުތައް ހިންގުމުން ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
"ކީއްތޯވީ މިއީ 17 ބިލިއަން ރުފިޔާ ލިބޭ އަހަރެއް ކަމަށް ބަލާފައި، 25 ބިލިއަނަށް ނުވަތަ 26 ބިލިއަނަށް މި ބަޖެޓް ގެންދިޔުން. ކޮބާއިތޯ މައްސަލައަކީ. ކޮންކަމެއްތޯ ނުކުރެވިގެން މި އުޅެނީ" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިހާރު އޮތް ގޮތަށް ބަޖެޓް ފާސްކުރުމުގެ ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، ޑޮލަރުގެ އަގު 25 ރުފިޔާ އާއި 20 ރުފިޔާގެ ދޭތެރޭގެ އަދަދަކަށް ބޮޑުވުން ކަމަށެވެ. ނަމަވެސް އެއާއެކު ރައްޔިތުންނަށް އިތުރަށް ލިބޭ އެއްޗެއް ނެތް ކަމަށާއި މިއީ ބުއްދި ސަލާމަތުން ތިބެގެން ފާސްކުރާ ވަރުގެ ބަޖެޓެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ ބަޖެޓުގެ އަދަދު ދަށްކޮށްގެން އަނބުރާ ގެނެސްފިނަމަ ރަނގަޅު ބަޖެޓަކަށް ހެދޭނެ ކަމަށާއި އެހެން ނޫންނަމަ ރާއްޖެ ފުނޑިގެންދިޔުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ.
"މި ބަޖެޓް އަނބުރާ ފޮނުވާލާފައި މި ބަޖެޓް 24 ނުވަތަ 25 ބިލިއަން ރުފިޔާ އަށް ހަދާފައި، ވަޒީރު ވެސް ތަންކޮޅެއް ތިރިވެގެން ބަޖެޓް އަނބުރާ މަޖިލީހަށް ފޮނުވައިގެން ދެން އެއަށް ބަހުސްކޮށްގެން، އަޅުގަނޑުމެން ވެސް މިތިބީ މިއަށް ހިތްވަރުދޭން. އެހެން ނަމަވެސް މިހާރު މިއޮތް ބަޖެޓަށް ވޯޓު ދިނުމާމެދު ވިސްނަންޖެހޭ" ސަލީމް ވިދާޅުވިއެވެ.