Last Updated: July 26, 22:12
Saturday, July 26, 2025
ޚަބަރު

ޤުރުއާނުގައިވާ ގޮތަށް ޢަމަލުތައް ބައްޓަންކުރަން ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކޮށް، އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި، ހެޔޮގޮތް ޤަބޫލުކުރާ ބަޔަކަށް ވުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ގޮވައިލެއްވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޯވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަސައްކަތްކުރަނީ ދިވެހި ޅަ ދަރީން ތަރުބިއްޔަތުކުރުމުގައި ވެސް ދީނީ ކަންކަމަށް އަޙުލުވެރިކޮށް، ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމުގައެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ މިނިސްޓްރީއިން ވަނީ ހުޅުވައިލައްވާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މި މަހުގެ 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.