Last Updated: July 26, 22:12
Saturday, July 26, 2025
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުން އެބަތިބި: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

ކަޅު ބާޒާރުގައި އެންމެ ގިނައިން ޑޮލަރު ވިއްކާ މީހުންގެ ތެރޭގައި ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ސަރުކާރު ހިންގަން ތިބެގެން ކަޅު ބާޒާރުގައި ޑޮލަރު ނުވިއްކޭނެ ކަމަށާއި އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު އެންމެ ގިނައިން ވިއްކާ މީހުންގެ ތެރޭގައި ވަޒީރުން ހިމެނޭއިރު ސަރުކާރު ކުންފުނިތަކުން ވެސް ކަޅު ބާޒާރުގައި ޑޮލަރު ގަންނަމުންދާ ކަމަށެވެ.

ބޮންޑޭގެ މި ވާހަކަތަކާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ގަންނަނީ ކޮން ވަޒީރެއްތޯ ސާފުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.

އިތުރަށް ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުންނާއި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހައްޔަރުކުރަންޖެހޭ ކަމަށެވެ. އަދި ކަޅު ބާޒާރު ހިންގާ ފަރާތްތައް ހުއްޓުވައިގެން ނޫން ގޮތަކަށް ރާއްޖޭގެ އިގްތިސާދު ކޮޅަށް ނުޖެހޭނެ ކަމަށާއި އެގޮތުން ކަޅު ބާޒާރުގައި ވިއްކާ ކޮންމެ ޑޮލަރަކީ ރައްޔިތުންގެ ޖީބުން ނަގާ ފައިސާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މީގެއިތުރުން ދަރަނި ދައްކަން ރާއްޖޭގެ އިގްތިސާދަށް 260 މިލިއަން ރުފިޔާ ވައްދަންޖެހޭ ކަމަށާއި އެ ފައިސާ ވެއްދޭނީ މަނިޓަރީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވަޒީރުން ހައްޔަރުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއް މިލިއަން ޑޮލަރު ވިއްކާލީމަ އެބަލިބޭ އެއް މިލިއަން ރުފިޔާ ޖީބަށްލާން. ކޮންކަމެއްތޯ، ވަޒީރުން ތިބެންވީ ނޫންތޯ ގޭގައި، ކޮވިޑޭ ކިޔާފައި. ހޯމް މިނިސްޓަރު އެބަޖެހޭ މިކަން ހުއްޓުވަން" ބޮންޑޭ ވިދާޅުވިއެވެ.