Last Updated: July 26, 22:43
Saturday, July 26, 2025
ޚަބަރު

ބަޖެޓް ބުރަވީ ޗައިނާއަށް ފައިސާ ދައްކަންޖެހޭތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބުރަވެފައިވަނީ ޗައިނާ އަށް ދައްކަންޖެހޭ ފައިސާއާ ގުޅިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގެ މެދުތެރެއިން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނުނު ގޮތުގައި ބަޖެޓް ބުރަވެފައިވަނީ ޗައިނާ އަށް ދައްކަންޖެހޭ ލޯނު އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދު ގިނަވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ޗައިނާގެ ކޮމާޝަލް ބޭންކުތަކުންނާއި އަދި އެގައުމުގެ ސަރުކާރު ހިއްސާވާ ބޭންކުތަކުން 2013 އާއި 2018 ވަނަ އަހަރާ ދެމެދު ދިވެހި ސަރުކާރަށް އިންތިހާއަށް ލޯނު ދީފައިވަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މި ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، އަނބުރާ ދައްކަން މިޖެހުނީ 2019 އާއި 2020 އާއި 2021 އަދި 2022 ގައި. އަޅުގަނޑު ބަލާއިރު ފަސް ބިލިއަނާއި ގާތްކުރާ އަދަދަކަށް ރުފިޔާ ބަޖެޓުގައި އެބައޮތް ލޯނު އަނބުރާ ދެއްކުމަށް. އޭގެއިން 80 އަށް ވުރެ ބޮޑު ޕަސެންޓަކީ ޗައިނާ އަށް ދޭންޖެހޭ ފައިސާ" ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށާއި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާ ކަމަށެވެ.

އަންނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު އާމްދަނީ ލިބޭނެ މައިގަނޑު ގޮތްތަކަށް ބަލާއިރު ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ އެވެ.