ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ޑރ.މުހައްމަދު އިބްރާހިިމް އާއި އަލީ ރަޝީދު ހުސައިންގެ އިތުރުން މަހާޒު އަލީ ޒާހިރު އެވެ.
ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ. ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 8 ގައި ބަޔާންކުރާ ދައުލަތުގެ ވަޒީފާއެއް ކަމަށް ނުވަތަ އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަނުގެ މެމްބަރު ކަމާއި ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރުން މަނާކޮށްފައިވާ ވަޒީފާއެއް މެމްބަރަކު އަދާކޮށްފިނަމަ އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ބަލާނެ ހަމައެއް ވެސް މި މައްސަލައިގައި ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
"ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ވަގުތީ ކައުންސިލްގެ މެމްބަރުކަމަށް އައްޔަން ކުރުމުން އެ މަގާމު ޔައުގޫބު ގަބޫލުކުރި ކުރުމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 3 ވަނަ ނަމްބަރާއި 8 ވަނަ ނަމްބަރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަދާކުޅައުން މަނާކޮށްފައިވާ ވަޒީއެއް އަދާކުރުން ނޫން ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފިން" ހުކުމް އިއްވަރުން ސުއޫދު ވިދާޅުވިއެވެ.