ބިސްނަސް އިމޭޖް ގްރޫޕަށް (ބިގް) ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓާއި ގުޅިގެން ބަލަން ފެށި މައްސަލައިގައި ހިމެނޭ ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން އުފައްދާފައިވާ ރިޕޯޓެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މި ރިޕޯޓުގައިވާ ކަންކަން ތަފްސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މިއީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ބިގު ކުންފުނިން 2،158،000 ރުފިޔާ ޖަމާ ކުރުމަށް ބީއެމްއެލް އަށް ދިއުމުން އެ ފައިސާގެ އަސްލު، އަދި އެއީ ކޮން ގޮތަކުން ލިބުނު ފައިސާއެއްކަން ހާމަކުރުމަށްޓަކައި ބޭންކަށް ހިއްސާ ކުރި ލިޔެކިޔުންތަކުން އެ ބޭންކަށް އެކަށީގެންވާ މިންވަރަށް އެ ފައިސާގެ އަސްލު ޔަގީން ނުވާތީ އެ ފައިސާ ޖަމާކޮށްދީފައި ނުވާ ކަމަށެވެ.
ނަމަވެސް ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް 18 މާޗް 2020 ގައި އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށާއި އަދި ޕޮލިޓިކަލް އެކްސްޕޯސްޑް ޕަރސަންސް، (ޕީއީޕީ) އަކާއި ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެ ނަގުދު ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭގޭތީއާއި އެ ނަގުދު ފައިސާގެ އަސްލު ޔަގީން ނުވާތީ އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭގެ އެފްއައިޔޫއިން އެކުލަވާލި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި މަނީ ލޯންޑަރިން ކުށުގެ ކަންތައްތައް ހިމެނޭތޯ ބެލުމަށް އެ ރިޕޯޓު ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އޭސީސީން މަޖިލީހަށް ފޮނުވި މި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިކަން އިއުލާންކުރައްވާފައެވެ.