Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް އަންނަ އަހަރު ކުރީކޮޅު ބާއްވަނީ

ޗެމްޕިއަން ބޭރުމަތި އެފްސީ - ފޮޓޯ: އައްޑޫ ލައިވް

މިއަހަރު ނުބާއްވަން ނިންމި އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020" މުބާރާތުގައި ބައިވެރިވުމަށް އެދޭ " ސްޕޯޓްސް ކޮމިޝަން" ގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކުން ފޯމު ފުރިހަމަކޮށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމް ލިސްޓް އަންނަ މަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.

މިއީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫ ކައުންސިލުން މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.
ނަމަވެސް މިއަހަރު މި މުބާރާތް ބާއްވާފައި ނުވަނީ ކައުންސިލުގެ މާލީ ހާލަތު ހުރިގޮތުގެ ސަބަބުންނެވެ.