Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

މޮޑާނާގެ ވެކްސިން 94 ޕަސެންޓަށް ވުރެ ކާމިޔާބު

ކޮވިޑް-19ގެ ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ މޮޑާނާ އިން އުފެއްދި ވެކްސިން 94.5 ޕަސެންޓަށް ވުރެ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމެރިކާގެ މޮޑާނާ ކުންފުނިން މިއަދު ބުނީ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލްތަކުން އެ ވެކްސިން ކާމިޔާބުކަމަށް ދައްކާފައިވާ ކަމަށެވެ. އެގޮތުން ވެކްސިންގެ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އެކި ސަރަހައްދުތަކުން 30،000 މީހުން ބައިވެރިކޮށްގެންނެވެ.

އެގޮތުން ފުރަތަމަ އިންޓެރިމް އެނެލެސިސްގައި ކޮވިޑް ޖެހިފައިވާ 95 މީހުން ބައިވެރިވި ކުރި ކަމަށާއި ވެކްސިންގެ ނަތީޖާ 95 ޕަސެންޓާއި ގާތްކުރާ ކަމަށް މޮޑާނާ އިން ބުނެއެވެ. އެ 95 މީހުންގެ ތެރޭގައި 15 އަހަރާއި 65 އަހަރުގެ މީހުން ވެސް ހިމެނެއެވެ.

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ދައްކާފައިވާއިރު އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިން 90 ޕަސެންޓު ކާމިޔާބު ކަމަށް މިދިޔަ ހަފްތާގައި ވަނީ ދައްކާފައެވެ.

މޮޑާނާ އާއި ފައިޒާގެ ވެކްސިން ކާމިޔާބު ކަމަށް ދެއްކުމާއި އެކު އެ ދެ އެކުންފުނިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގައި އެދޭނެއެވެ.

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ދައްކާފައިވާއިރު އެ ކުންފުންޏަށް ވަނީ 100 މިލިއަން ވެކްސިން ޑޯޒު ސަޕްލައި ކުރުމަށް 1.5 ބިލިއަން ޑޮލަރުގެ ޑީލެއް ވެސް ލިބިފައެވެ. އެމެރިކާގެ އިތުރުން ވެސް އެހެން ގައުމުތަކަށް ވެސް މޮޑާނާ އިން ވެކްސިން ސަޕްލައި ކުރެއެވެ.