Last Updated: May 6, 23:10
Thursday, May 6, 2021
ޚަބަރު

އަޅުގަނޑުގެ އަނބިމީހާއަށް ވީތީ ވަޒީފާ ދޭންޖެހޭ އުސޫލެއް ނެތް: ގާސިމް

އޭނާގެ އަނބިމީހާއަށް ވެގެން ވަޒީފާ ދޭންޖެހޭ އުސޫލެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިމިވަނީ ޓްރާންސްޕޯޓު މިނިސްޓަރުކަން އައިޝަތު ނަހުލާ އަށް ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލުންނަށް އެކަމަނާ ވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަކަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާގެ އަނބިމީހާ ވެގެން ވަޒީފާއެއް ދޭންޖެހޭ ގާނޫނެއް ވެސް އުސޫލެއްވެސް ނޯންނާނެ ކަމަށެވެ. އެގޮތުން ނަހުލާއަކީ ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމަށް ޖޭޕީގެ ފަރާތުން ނަހުލާގެ ނަންފުޅު ހުށަހެޅުއްވީ އޭނާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަހުލާ އަށް އެ ވަޒީފާ ދެއްވީ އެކަމަނާގެ ގާބިލުކަމަށް ބެލުމަށްފަހު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެއީ ގާސިމްގެ އަނބިމީހާ ވެގެނެއް ނޫން" އޭނާ ވިދާޅުވިއެވެ.

އަދި މިނިސްޓަރުކަން ދެއްވީ ވަކި މީހެއްގެ އަންބަކަށް ވުމުން ނޫން ކަމަށް ނަހުލާ ދާދިފަހުން ވިދާޅުވެފައިވާއިރު، އެ ބަހުގައި ހިފައި ދެކޮޅަށް ދަމަނީ ހަޖަމް ނުކުރެވުމުންތޯ ވެސް ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިގޮތަށް މީހުންނާ ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތު ހުއްޓާލުމަށް ވެސް ގާސިމް ވަނީ އިލްތިމާސްކުރައްވާފައެވެ.